އުނގެނުމާއި އުނގަންނައި
ދިނުމުގައި ދަރިވަރުންނަށް އިސްކަންދީގެން ކިޔަވައި ދިނުމުގެ މުހިންމުކަން.
އުނގެނުމާއި އުނގަންނައި ދިނުން ދަރިވަރުންނަށް
އިސްކަންދީގެން ކިޔަވައި ދިނުމަކީ،ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދީގެން
އެކުދިންގެ ބޭނުންތަކާއި ގުޅުވައިގެން އުނގެނުން ކުރިއަށް ގެންދިއުމެވެ. މިގޮތަށް
ކިޔަވައި ދިނުމުގައި އެންމެ ބޮޑަށް އިސްކަން ދެވިފައިވަނީ ދަރިވަރުންގެ
ބޭނުންތަކަށާއި ،ޤާބިލިއްޔަތަށާއި، ދަރިވަރުން ޝައުޤުވެރިވާ ކަންތަކަށާއި
ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ގުޅިގެން ކުރިއަށް ގެންދެވިދާނެ އެކިއެކި
ގޮތްގޮތަށެވެ.މިސާލަކަށް ، ދަރިވަރުންނަށް އިސްކަންދީގެން ކިޔަވައިދެވޭ ކްލާހެއްގައި ކަންކަން ރޭވި
އިންތިޒާމް ކުރެވޭނީ، ދަރިވަރުންގެ ބޭނުންތަކަށް ރިޔާޢައް ކުރެވިގެންނެވެ. މިއާއި
ޚިލާފަށް މުދައްރިސަށް ބަރޯސާވެފައިވާ އުނގެނުމުގައި ދަރިވަރުންނަށް މަޢުލޫމާތުތަކެއް
ފޯރުކޮށްދެވުނަސް ، ގިނަފަހަރަށް އެ ވެފައި އޮންނާނީ ދަރިވަރުންގެ އަސްލު
ދިރިއުޅުމުގައި ބޭނުން ނުކުރެވޭ މަޢުލޫމާތަކަށެވެ. ނަމަވެސް މިއީ އެހާ ބޭނުންތެރި
އަދި ފައިދާ ހުރި ގޮތެއްބާއޭ މިއީ ހިތުގައި އުފެދޭ ސުއާލެކެވެ.
މިސްޓަރ ލީއާއި އޭނާގެ ބައިވެރިން (2003) ދަރިވަރުންނަށް އިސްކަންދީގެން ކިޔަވައި ދިނުމާއި ބެހޭގޮތުން ތަފާތު އެތަކެއް ދިރާސާތަކެއް ކުރެއްވުމަށްފަހު، ހާމަ ކުރެއްވިގޮތުގައި މިއީ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޖުމްލަގޮތެއްގައި ވަރަށް ރަނގަޅު ގޮތެކެވެ.އަޅުގަނޑު ދެކޭގޮތުގައިވެސް މިއީ ކިޔަވައި ދިނުމަށް ރަނގަޅު އުސޫލެކެވެ. ނުވަތަ ގޮތެކެވެ. އަދި އަހޮލާ (1995) ޒަމާނުއްސުރެ ބޭނުންކުރާ ކިޔަވައި ދިނުމުގެ މުސްކުޅި ގޮތާއި ދަރިވަރުންނަށް އިސްކަންދީގެން އުނގަންނައިދިނުން ކުރިއަށް ދާގޮތް ދަނެގަތުމަށް 6 އަހަރުވަންދެން ކުރި ދިރާސާތަކުން އެނގުނުގޮތުގައި ދަރިވަރުންނަށް އިސްކަންދީގެން ހިންގޭ އުނގަންނައި ދިނުން ފަށައި ގަތުމުގައި ދަރިވަރުންނަށް ކުޑަކޮށް ލަސްކަމަށް ފާހަގަކުރެވުނަސް ދަރިވަރުން އުނގެނުމުގެ ގޮތްތަކާއި ، ދޭހަވާ ދޭހަވުމާއި ދަރިވަރުންނަށް ލިބިދެވޭ ހުނަރުތަކާއި މައުލޫމާތުތައް އިތުރުވެގެންދެއެވެ. މިއީ ތެދުވާހަކައެކެވެ. ކަމެއްކުރާއިރު ނުވަތަ ކަމެއް ބަޔަކު ލައްވާ ކުރުވާއިރު ވިހާވެސް ބޮޑަށް އެކަމެއްގައި އެބަޔަކު ޝާމިލް ކުރުވާއިގެން އަމަލީ ގޮތުން އެކަމެއް ކުރުވާނަމަ ހަނދާނުގަ އެކަމެއް ހަރުލުމައި ޝައުޤުވެރިކަމާއެކު އެކަމެއް ކުރާނެއެވެ. ރައްޖޭގެ ސްކޫލްތަކުގައިވެސް ދަރިވަރަށް އިސްކަން ދީގެން ކިޔަވައި ދެއްވާ ކުލާސްތަކުން މިމަންޒަރު ފެންނަކަން އުފަލާއެކު ފާހަހަކުރަމެވެ. ނަމަވެސް އަޅުގަނޑުގެ ތަޖުރިބާއަށް ބުރަވާއިރު ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރަށް އިސްކަންދޭ ކިޔަވައި ދިނުން ބައެއް ހާލަތްތަކުގައި ގެންދެވެނީ އެހާ ރަނގަޅަކަށް ނޫނެވެ.ސަބަބަކީ މިގޮތަށް ކިޔެވުން ތަޢާރަފް ކުރެވުނީ ނުވަތަ ބައްޓަން ކުރެވުނީ ، އެކަމުގެ ހުނަރާއި ތަޢުލީމް ނެތިކަމަށްވާތީއެވެ. އަދި މުދައްރިސުންނާއި ދަރިވަރުން އަދި ބެލެނިވެރިންވެސް މިގޮތަށް ކިޔައިވައި ދިނުމަށް އަހުލުވެރިވެފައި ނުވާތީއެވެ. އެއީ މިސާލަކަށް ދަރިވަރަށް އިސްކަން ދީގެން މުދައްރިސް ފިލާވަޅެއް ކުރިއަށް ގެންދާއިރު އެކުލާހަކީ އެފަދަ ގޮތަކަށް ކިޔެވުން ކުރިއަށް ގެންދެވިދާނެ ކުލާހެއްތޯ ފުރަތަމަ ބަލަންވާނެއެވެ. ސަބަބަކީ، އެފަދަ ގޮތަކަށް ފިލާވަޅު ބައްޓަން ކޮށްގެން ކިޔަވައިދޭނަމަ، ދަރިވަރުންގެ ހިއްސާ ބޮޑުވެގެން ދާނެތީއެވެ. ވާހަކަ ދެއްކުމާއި ލިޔުމާއި މަޝްވަރާ ކުރަންޖެހޭނެއެވެ. ކުރިމަސައްކަތެއް ކުލާހަށް ހުށަހަޅަންވާނެއެވެ. ނަމަވެސް އެކުލާހަކީ އެފަދަ ޤާބިލުކަންނެތް ކުލާހެއްނަމަ، މިދެންނެވި ކަންތައްތައް ފެނިގެނެއް ނުދާނެއެވެ. ފެނިގެންދާނީ ބޭކާރު ވާހަކަ ދެއްކުމާއި އެކު ފިލާވަޅު ނާކާމިޔާބުވެގެން ދާތަނެވެ. މިއީ ގިނަ ކުލާސްރޫމްތަކުން މިއަދު ފެންނަމުންދާ ހަޤީޤަތެކެވެ. މީގެ އިތުރުން ދަރިވަރަށް އިސްކަންދީގެން ކިޔަވައިދޭއިރު ގްރޫޕް ކުރެވޭގޮތަކުންވެސް ކަމުގެ މަޤުސަދު ގެއްލޭގޮތްވެއެވެ. ސަބަބަކީ އަޑުގަދަމީހާގެ ރުއްގަސް ގިނަވާނެއޭ ބުނާ ބީދައިން ގްރޫޕްގައި ތިބޭ ނަގާކިޔާކުދިން ގްރޫޕް މަސައްކަތްކޮށް ނިންމުމެވެ. މަޑުންތިބޭ ކުދިން އެގޮތުގައި ތިބުމެވެ. ނަތީޖާއަކަށް ވެގެންދަނީ، އެފަދަ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ހަނިވެގެން ދިއުމެވެ.މިއީވެސް އަޅުގަނޑުމެންގެ ސްކޫލަތަކުން ތާއަބަދު ފެންނަމުންދާ މަންޒަރެވެ. މީގެ އިތުރުން ދަރިވަރަށް އިސްކަންދިގެން ކިޔައިދޭ ދިނުމުގައި މުދައްރިސުންގެ އިހްމާލުވެސް ރާއްޖޭގެ ސްކޫލްތަކުގައި އެހާބޮޑެވެ. އަޅުގަނޑު މިހެން މިދެންނެވީ، މިފަދަ ގޮތަށް ކިޔަވައި ދޭއިރު ގިނަ މުދައްރިސުން ތިއްބަވަނީ ފިލާވަޅަށް ރަނގަޅަށް ތައްޔާރު ނުވެއެވެ. ދަރިވަރުން ކުރާ ސުވާލުތަކަށްވެސް ގިނަފަހަރަށް މުދައްރިސުންނަށް ޖަވާބު ނުދެވެއެވެ. ނަތީޖާއަކަށް ވެގެންދަނީ އެހާބޭނުންތެރި ފިޅާވަޅަކަށް އެފިލާވަޅެއް ނުވުމެވެ. މީގެ އިތުރުން ކުލާސްތަކުގައި އުޅޭ ހަލަބޮލި ދަރިވަރުންގެ ސަބަބުންވެސް ދަރިވަރަށް އިސްކަންދީގެން ކިޔަވައި ދިނުމުގައި މުދައްރިސުންނަށް ދަތި އުނދަގޫތަކާއި ކުރިމަތިވެ ، ފިލާވަޅުތައް ނާކާމިޔާބު ވެގެންދެއެވެ. ސަބަބަކީ އެފަދަ ކުދިންގެ އަތްމައްޗަށް ފިލާވަޅު ދޫކޮށްލުމުން ސަމާސާކުރުމާއި މަޖާކުރުމުގެ ތެރެއަށް ކުލާސް ގެންގޮސް އެފަދަ ކުދިންގެ ކޮންޓްރޯލްގައި ކުލާސް ބޭއްވުމެވެ. އަދި ގަޑި ނިމިގެންދާއިރުވެސް ފިލާވަޅުގެ މަޤުސަދު ހާސިލުނުވުމެވެ.ސައިމަން(1999) ހާމަކުރައްވާ ގޮތުގައި ސްކޫލެއްގައި ވީހާވެސް ބޮޑަށް ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދޭއިރު ދިމާވެދާނެ މައްސަލަ ތަކެއް އެބަހުއްޓެވެ. އޭނާ ހާމަކުރާ ގޮތުގައި ކޮންމެ ދަރިވަރަކީވެސް ވަކި ހުނަރުތަކަކާއި ވަކި ތަފާތުތު ކަންތައްތަކަކަށް ލޯބިކުރާ ދަރިވަރަކަށް ވީހިނދު ، ދަރިވަރަށް އިސްކަންދީގެން ކިޔަވައި ދިނުމުގައި ހުރިހާ ދަރިވަރުންނަށް މުދައްރިސް ދޭން ބޭނުންވާ ސަމާލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުދެވިދާނެއެވެ. އަދި އިތުރަށް އެނާ އަލިއަޅުވާ ލައްވާފައިވާ ގޮތުގައި ކޮންމެ ދަރިވަރަކީ ވަކިވަކި ކަންތައްތަކަކަށް ހޭނިފައިވާ ދަރިވަރަކަށް ވާތީ، މިގޮތަށް ކިޔަވައި ދިނުމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކިޔެވުން ކުރިއަށް ގެންދިއުމަކީ ދަތިކަމަކަށް ވެގެން ހިނގައިދާނެއެވެ. އެޑަވާރޑްސް (2001) ގެ ދިރާސާތަކުންވެސް މިކަންހާމަވެ، މިދެންނެވި ވާހަކަތަކަށް ތާއީދު ކޮށްފައިވެއެވެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރުވެސް މިއީ މިކަން އޮތްގޮތެވެ. ދަރިވަރުންނަށް އިސްކަން ދީގެން ކުލާހުގައި ގެންދެވޭ ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން ލިބުނު ކަމުގައިވިއަސް، ހަޤީޤީ މަސައްކަތް ކުރަނީ ކުލާހުގައި ތިބޭ މަދު ދަރިވަރުން ތަކެކެވެ. ސަބަބަކަށް ވެގެންދަނީ އެކަމެއް ކުރާހިތް ނުވުމެވެ. ނުވަތަ އެކަމައްގެ ހުނަރު ނެތުމެވެ. މިސާލަކަށް ކުރެހުމުގެ މަސައްކަތެއް ކުރުމަށް ދަރިވަރުންތަކަކާ ހަވާލުކުރުމުން އެކަމެއް ކުރާނީ ކުރަހާ ހިތްވާ ކުދިންނެވެ. ދެންތިބި ކުދިންތިބޭނީ ފޫހިވެފައެވެ. ބޭކާރު ވާހަކައިގައެވެ. ހަމަ މިގޮތަށް ލިޔަން އެއްޗެއް ހަވާލުކޮށްފިނަމަ، ލިޔާނީ ލިޔުމުގެ ޝައުޤުވެރިކަން ހުރި ކުދިންނެވެ. މިއީ އަޅުގަނޑުމެންގެ ކުލާސްރޫމްތަކުން ފެންނަ ހަޤީޤތެވެ.މިފަދަގޮތަކަށް ފިލާވަޅުތަށް ގެންދަން މުދައްރިސުން ފަސްޖެހޭ ސަބަބަކީ، މިގޮތަށް ކިޔަވައި ދިނުމުގައި ދަރިވަރުން އެދަރިވަރަކަށް ފެންނަ ގޮތުގައި ހިފަހައްޓައިގެން ތިބުމުގެ ސަބަބުން ފިލާވަޅުގެ އަސްލު ގެއްލޭގޮތް ވުމެވެ. އަދި ދަރިވަރުން އެދޭގޮތަށް ކަންތައްތައްތަށް ނިންމުމަށް ބާރު ފޯރުވުމެވެ.ނަތިޖާއަކަށް ވެގެންދަނީ، މިފަދަގޮތަކަށް މުދައްރިސުން ފިލާވަޅު ނުގެންގޮސް މުދައްރިސަށް ބަރޯސާ ވާގޮތަށް ފިލާވަޅު ބައްޓަން ކޮށްގެން ކިޔަވައި ދިނުމެވެ.ބްރެޑޯ (1999) ފާހަގަ ކުރައްވާ ގޮތުގައިވެސް، ދަރިވަރުން އަމިއްލައަށް އުނގެނުމުގެ މިޚިޔާލުގައި، އުނގެނެންވީ މަގު ނުވަތަ ރާސްތާ ކަނޑައަޅަނީ ދަރިވަރުން އަމިއްލައަށެވެ.މިކަމުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ އިޖުތިމާޢީ ރޫހު ނުވަތަ އެއްބައިވަންތަކަން ނެތިގެންދާގޮތްވެއެވެ. އެއީ މިކަމުގެ ސަބަބުން އެކި ކުދިންގެ ޚިޔާލު ތަފާތުވެ، އުނގެނުމުގެ މަގެއް ކަނޑައެޅުމުގައި ދަތިތަކެއް ކުރިމަތިވުމެވެ.
މިރާއްޖޭގައި ދަރިވަރަށް އިސްކަން ދީގެން ކިޔަވައި
ދިނުން އެހާ އާއްމުނުވާ އެހެންސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއިގެ ތެރެއިން
އެއްކަމަކީ، މިފަދަ ގޮތަކަށް ކިޔަވައި ދިނުމުގައި ބޭނުންވާ ރިސޯސްތައް ސްކޫލުން
ލިބެން ނެތުމެވެ. މިއީ އަބަދުހެން މުދައްރިސުންގެ ފަރާތުން އިވެމުންދާ އަޑުތަކެވެ.
މިކަމުގެ ސަބަބުންވެސް މުދައްރިސުން ދަރިވަރުންނަށް އިސްކަންދީގެން ކިޔަވައި
ދިނުމުގައި ފަސްޖެހެއެވެ. އޯސަލިވެން(2003) ހާމަ ކުރައްވާ ގޮތުގައިވެސް ތަރައްޤީނުވާ
ޤައުމުތަކުގައި މިގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަކީ، އެހާ
ކާމިޔާބު ގޮތެއްނޫނެވެ.ސަބަބަކީ މިގޮތަށް ކިޔަވައި ދިނުމަށް ބޭނުންވާ އެކަށީގެންވާ
ވަސީލަތްތައް ނުލިބުމުގެ ދަތިކަން ކުރިމަތި ވެދާނެތީއެވެ. ދަރިވަރަށް
އިސްކަންދީގެން ކިޔަވައި ދިނުމަށް ރާއްޖޭގެ މުދައްރިސުން ފަސްޖެހޭ ސަބަބުތެރޭގައި
ހިނެނޭ އެއްކަމަކީ، މިގޮތަށް ކިޔަވައި ދޭއިރު ދަރިވަރުން އެސެސް ކުރަން
އުނދަގޫވުމެވެ. އެގޮތުން ކުލާހުގައި ކުރިއަށް ގެންދެވޭ ހަރަކާތްތައް އެންމެ މުދައްރިސަކު
އެސެސް ކުރަންވުމުން، އެންމެ އެދެވޭ ގޮތުގައި އެސެސް ނުކުރެވޭނެ ކަމަށް
ގިނަ މުދައްރިސުން ހާމަކުރެއެވެ. ހަމައެހެންމެ، ދަރިވަރަށް
އިސްކަންދީގެން ކިޔަވައި ދޭގޮތަށް އުނގެނުން ބައްޓަން ކުރުމުން، ގިނަވަގުތު
ހޭދަ ކުރަންޖެހޭނެ ކަމަށް ހީވާތީވެ، މިގޮތަށް އުނގެނުން ކުރިއަށް ނުގެންދާ
މުދައްރިސުންވެސް ރާއްޖޭގައި މަދެއްނޫނެވެ.
ކަންމިހެން ހުރިކަމުގައިވިއަސް،
މަދުންނަމަވެސް ދަރިވަރަށް އިސްކަންދީގެން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް
ފިލާވަޅު ގެންދާ މުދައްރިސުންވެސް މިރާއްޖޭގައި ތިބިކަން އުފަލާއެކު ފާހަގަ
ކުރަމެވެ.މިފަދަ ކުލާސްތަކަކީ ކަމުގެ ހުނަރު ލިބިފައިވާ މުދައްރިސުން އެގޮތަށް
ކުލާސް ބައްޓަން ކޮށްގެން ޅައިރުއްސުރެ ކިޔަވައިދެއްވަމުން ދާކުލަސްތަކެވެ. ނުވަތަ
ސްކޫލްތަކެވެ. މީއީ މަދު ބައެކެވެ. ނުވަތަ މަދު ސްކޫލްތަކެކެވެ. ދަރިވަރަށް
އިސްކަންދީގެން ކިޔެވުން ބައްޓަން ކުރަންވީ، މަތީ
ގްރޭޑްތަކަށް ދަރިވަރުން ދިޔައިމަ އެކައްޏެއް ނޫނެވެ. އެކުދިން ޕްރިސްކޫލްގައި
ތަޢުލީމް ހާސިލުކުރަމުންދާ ދުވަސްވަރުން ފެށިގެންނެވެ. އޭރުން މިފަދަ ގޮތްތަކަށް
ދަރިވަރުން ތިބޭނީ ހޭނިފައެވެ.
ޖުމްލަ ގޮތެއްގައި ދެންނެވޭނަމަ ، ދެންނެވޭނީ
ދަރިވަރަށް އިސްކަންދީގެން ކިޔަވައިދިނުން ރާއްޖޭގައި އަދި އެހާ އާއްމު
ނޫންކަމެވެ.
ދަރިވަރަށް އިސްކަންދީގެން އުނގަންނައި ދިނުން
ބައްޓަން ކުރުމަކީ، ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުވެ،
ދަރިވަރުންގެ އެއްބާރުލުމާއި ބައިވެރިވުން ފުރިހަމަޔަށް ލިބިގެންދާނެ ކަމެއްކަމަށް
ދެކެމެވެ. އަދި މިއީ ދަރިވަރުންގެ ފިކުރާއި ޚިޔާލު ތަނަވަސް ވެގެންދާނެ ކަމެކެވެ.
ސަބަބަކީ މިގޮތަކީ ދަރިވަރުން އުނގެނުމަށް ޝައުޤުވެރިވެ، ދަރިވަރުންގެ
ބައިވެރި ވުމާއިއެކު ކުރިއަށް ގެންދެވޭ ވައްތަރުގެ އުނގެނުމަކަށް ވާތީއެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމުގެ
މުހިންމުކަން.
ވިސްނުމުގެ ހުނަރުގެ ތަރައްޤީގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމަކީ،
ވިސްނުމުގެ ޤާބިލުކަމަށް އަންނަ ބަދަލުތަކާއި،ސަމާލުކަމަށް، ހަނދާނަށް، ޢިލްމީ
ކުރިއެރުމަށް ކޮންމެ ދުވަހަކު މަޢުލޫމާތާއި ތަޖުރިބާތަކަށް ،މައްސަލަ
ހައްލުކުރުމަށް ،ޚިޔާލަށް، އުފެއްދުންތެރިކަމަށް، އަދި ބަހަށް އަންނަ ތަފާތު
ބަދަލުތަކެވެ.ވިސްނުމުގެ ތަރައްޤީ އަންނަ ބަދަލާއި ބެހޭގޮތުން އިލްމީ ދިރާސާ
ކުރައްވާ ޖޭން ޕިއާޖޭ ހާމަ ކުރައްވާގޮތުގައި ދަރިވަރުންގެ ވިސްނުމުގެ
ހުނަރު ތަރައްޤީވަނީ ވަށައިގެންވާ މާހައުލުގައި ވާތަކެއްޗާއި މީހުންނާއި އަދި
ޚިޔާލުތަކާއި ގުޅޭ އިހްސާސްތަކާއި ތަޖުރިބާތައް މެދުވެރިކޮށެވެ.އަދިވެސް ޖޭން
ޕިއާޖޭ ހާމަ ކުރައްވާގޮތުގައި ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ
ވުމުގައި އެމާހައުލެއްގައިވާ ތަކެތި ބޭނުންކޮށް ބަލާ ދަނެގަނެ އަދި ވާހަކަ ދައްކާ
އެތަޖުރިބާއާއި ބެހޭގޮތުން ލިޔަންވެސް ޖެހޭނެއެވެ. ފުރަތަމަ ކުރެވޭ ހަޤީޤީ
ތަޖުރިބާތަކުން ވިސްނުމަށް ބޭނުންވާ ރޯމެޓީރިއަލްސް ފޯރުކޮށްދޭނެއެވެ. ނަމަވެސް
މިފަދަ ފުރުސަތުތައް ދިވެހިރާއްޖޭގެ ސްކޫލްތަކުން ފެނޭބާއޭ، މިއީ ކުރެވޭ
ސުވާލެކެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް މަސައްކަތް ކުރުމުގައި
ދިވެހި ރާއްޖޭގެ މަދަރުސާތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް ދިމާވާ އެންމެ
ބޮޑު ގޮންޖެހުމަކީ، އިމްތިހާނުތަކުން
ދަރިވަރުންނަށް ރަގަޅު ނަތީޖާ ހޯދައިދިނުމަށް މުދައްރިސުންނަށް
ކުރިމަތިކުރެވެމުންދާ ފިއްތުންތަކެވެ. އެނގިލައްވާނޭ ފަދައިން ކިޔަވައިދިނުމާއި ގުޅުން
ހުރި ހުރިހާފަރާތަކުން މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކުރުމަށް
ބަލާ މައިގަނޑު މިންގަނޑަކީ، ދަރިވަރުން
އިމްތިހާނުތަކުން ހޯދާ ގްރޭޑްތަކެވެ. މިގޮތުން، މުދައްރިސުން ކިޔަވައި ދެއްވާ މާއްދާތަކުން ދަރިވަރުން
ހޯދާ ނަތީޖާ ރަގަޅަށް ނެރެދެވޭ ޓީޗަރުންނަކީ، ރަގަޅު ޓީޗަރުން ކަމުގައި ބެލެވޭ އިރު މުދައްރިސަކު
ކިޔަވައިދެއްވާ މާއްދާއަކުން
ދަރިވަރުންނަށް ލިބޭ ނަތީޖާ ދަށް ނަމަ، އެމުދައްރިސަކު ބެލެވެނީ ނާޤާބިލު ޓީޗަރެއްގެ
ގޮތުގައެވެ. މިމިންގަޑުން މުދައްރިސުންގެ
ފެންވަރު ވަޒަންކުރުމުގައި ވަކި ފަރާތެއް އިސްތިސްނާ ނުވެއެވެ. އެޑިޔުކޭޝަން
މިނިސްޓްރީ އިން ފެށިގެން ބެލެނިވެރިން އަދި މުޖްތަމަޢުގެ ޢާންމު ފަރުދުންނާއި
ހަމައަށް ވެސް މިކަން އޮތީ މިހެންނެވެ. މީގެ ނަތީޖާއަކަށް ވަނީ މުޅި ކިޔަވައި
ދިނުން ދަރިވަރުންނަށް އިމްތިހާނުން ލިބޭ މާކުސް ރަގަޅު ކުރުމަށް އަމާޒުކޮށް މަސައްކަތް
ކުރަން މުދައްރިސުންނަށް ޖެހުމެވެ.
އިމްތިހާނުން ދަރިވަރުންނަށް ލިބޭ ގްރޭޑް މަތި ކުރުމަށް ކިޔަވައިދިނުން
އަމާޒުކުރަން ޖެހުމުން މުދައްރިސުން ކިޔަވައިދިނުމުގެ މަސައްކަތް ރޭވުމު ގައާއި
ތަންފީޒުކުރުމު ގައާއި ވަޒަންކުރުން ކުރުމުގައި ވެސް ވިސްނުން ފޯކަސްކުރަނީ
ދަރިވަރުންނަށް ލިބޭ ގްރޭޑްތައް މަތިކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި
އެގޮތްތަކަށް އެކަންކުރުމަށެވެ.ދަރިވަރުން އުނގެނޭ ގޮތާއި ބެހޭ ނަޒަރިއްޔާގެ
ތެރެއިން ޕިޔާޖޭގެ ނަޒަރިއްޔާ ގައިވާގޮތުން އުނގެނުމަކީ ކުއްޖާއާއި
މާހައުލާއި ދެމެދުގައި ހިނގާ މުޢާމަލާތުތަކުގެ ސަބަބުން އަދި ކުއްޖާ މާހައުލަށް
ހޭނުމަށްޓަކައި ކުރެވޭ ތަޖުރިބާތަކެއްގެ ސަބަބުން ކުއްޖާގެ ވިސްނުމަށް ބޭނުންކުރާ
ގޮތްތަކަކަށް ހެޔޮ ބަދަލުތަކެއް އައިސް ކުރިއެރުން ލިބުމެވެ.އެހެންނަމަވެސް
މިދެންނެވި ގޮތަށް މުދައްރިސުންނަކަށް ގިނަފަހަރަކަށް ފިލާވަޅު ނުގެންދެވެއެވެ.
ފިލާވަޅު ރޭވުމުގައި ވިސްނަނީ،
އިމްތިހާނުތަކުގައި ޢާއްމުކޮށް އަންނަ ބައިތަކުގެ މަޢްލޫމާތު ދަރިވަރުންނަށް ރަނގަޅަށްފޯރުކޮށް ދެވޭނެ
ގޮތަށް ފިލާވަޅުތައް ބައްޓަންކުރުމަށެވެ.
ތަންފީޒުކުރުމުގައި ބަލަނީ މަޢްލޫމާތު ދަރިވަރުންނަށް ރަނަގަޅަށް ފޯރުކޮށް
ދިނުމަށާއި އެ މަޢްލޫމާތު އެކުދީންގެ ހިތުގައި ހަރުލެއްވުމަށެވެ. ވަޒަންކުރުމުގައި
މަސައްކަތް ކުރަނީ ދަރިވަރުންނަށް ފޯރުކޮށްދެވިފައި ހުރި މަޢްލޫމާތު ހަނދާނަށް
ގެނެސް ކަރުދާހަށް ނަކަލުކުރެވޭވަރު ބެލުމަށެވެ. ކިޔަވައި ދިނުމުގެ ހުރިހާ
މަރުހަލާއެއްގެ މަސައްކަތް މިގޮތަށް ކުރެވެމުން ދިއުމުން ކިޔެވުމުގައި
ދަރިވަރުންގެ އުފެއްދުންތެރި މަސައްކަތުގެ ދައުރެއް ނޯވެއެވެ. އެކުދީންގެ އަމިއްލަ
ވިސްނުމުން ކުރާނެ އެހާބޮޑު ކަމެއް ނޯވެއެވެ.
ކިޔެވުމުގައި އަމިއްލަ ވިސްނުމުން ކަންކަން ހޯދައިގެން އުފެއްދުންތެރި
މަސައްކަތް ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ނެތުމަކީ، އެކުދީންގެ ވިސްނުން ތަރައްޤީވުމަށް ހުރި ބޮޑު
ހުރަހެކެވެ. އެހެންކަމުން ކިޔަވައި
ދިނުމުގައި އިމްތިހާނުތަކުން ދަރިވަރުންނަށް ލިބޭ ގްރޭޑު މަތިކުރުމަށް އެކަނި
އަމާޒުކޮށްގެން ކުރެވޭ މަސައްކަތަށް ނިމުން ގެނެވެން އެބަޖެހެއެވެ. މިކަން
ކުރެވޭނީ ދަރިވަރުންގެ އުގެނުން ވަޒަންކުރުމުގެ އުޞޫލު ބަދަލުކުރެވިގެންނެވެ.
ދަރިވަރުންނަށް އިމްތިހާނުތަކުން ލިބޭ ގްރޭޑްތައް އެއީ ހުރިހާއެއްޗެއް ކަމު ގައި
ބެލުމުގެ ބަދަލުގައި އެކުދިންގެ އަމިއްލަ އުފެއްދުންތެރިކަމާއި އެކުދީންގެ
ހުނަރުވެރިކަމާއި ކަންކަމުގެ ޤާބިލުކަން ލިބިފައިވާ ވަރު ވަޒަންކުރެވި، ދަރިވަރުން އިމްތިހާނުތަކުން ހޯދާ ގްރޭޑްތަކާއި އެއް
ދަރަޖައެއްގައި ނުވަތަ އެއަށް ވުރެން މަތީ ދަރަޖައެއްގައި އެކަންތަކުގެ އަގު ވަޒަންކުރެވިގެންނެވެ.
މިބަދަލުގެނައުމަށްޓަކައި މިކަމުގައި ޢާއްމުކޮށް ގެންގުޅޭ ވިސްނުން
މުޖްތަމަޢުގެ ހުރިހާ ފަންތިއަކުން ބަދަލުކުރެވެން އެބަ ޖެހެއެވެ. ތަޢްލީމީ
މީހެއްކަމުގައި ވަނީ ކޮންސިފަތަކެއް ހުރުމުން ކަމާއި މެދު އެޑިޔުކޭޝަނުގެ
ވެރީންނާއި މަދަރުސާތަކުގެ ވެރީންގެ އިތުރުން ޢާއްމު ރައްޔަތުންގެ ވިސްނުން ވެސް
ބަދަލުވާންޖެހެއެވެ. ވަޒީފާދޭ ފަރާތްތަކުން ވަޒީފާ އަށް މީހުން ހޮވުމުގެ
މިންގަނޑުތައް ބަދަލުވާން އެބަޖެހެއެވެ. މަތީ ތަޢްލީމު ފޯރުކޮށްދޭ
މުއައްސަސާތަކަށް ދަރިވަރުން ނެގުމުގައި ބޭނުންކުރާ މިންގަނޑުތައް ބަދަލުކުރެވެން
އެބަޖެހެއެވެ. ސްކޮލަރޝިޕް ދިނުން ފަދަ ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދޭ
ފަރާތްތަކުން އެކަމުގައި ކެންޑިޑޭޓުން މިނަން ގެންގުޅޭ ނާޅި ބަދަލުކުރަން ވެސް
އެބަޖެހެއެވެ.
މިބަދަލުތައް ގެނެވިއްޖެ ނަމަ އިމްތިހާނުތަކުން މަތީ ގްރޭޑްތައް ހޯދައި
ދިނުމަށް އަމާޒުކޮށް ކިޔަވައިދޭ ދިނުން ކުޑަކުރެވި ނުވަތަ ހުއްޓި ދަރިވަރުންގެ
އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ކިޔެވުމުގެ
ކަންތައް ކުރިޔަށް ގެންދިއުމުގެ ފުރުޞަތު މުދައްރިސުންނަށް ފަހިވާނެއެވެ. އެ
ގޮތަށް މަސައްކަތް ކުރާ މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަން ކުރެވި އެގޮތަށް
ކިޔަވައި ދިނުން ބައްޓަން ކުރުމަށް މުދައްރިސުންނަށް ހިތްވަރު ލިބޭނެއެވެ.
އެހެންވުމުން ދަރިވަރުންނަށް މަޢްލޫމާތު ފޯރުކޮށް ދީ އެ މަޢްލޫމާތު ދަރިވަރުންގެ
ހަނދާނުން ކަރުދާހަށް ނަކަލުކުރުމަށް އަމާޒުކޮށް ކިޔަވައި ދިނުމުގެ ބަދަލުގައި
ކިޔަވައިދެވޭނީ ދަރިވަރުންގެ އަމިއްލަ ވިސްނުމުން ކަންކަން ހޯދައި
ތަޖްރިބާކޮށްގެން އެކަންތައް އަމަލީ ގޮތުން ދައްކައިދިނުމުގެ ފުރުޞަތު
އެކުދީންނަށް ދީގެންނެވެ. އެ ގޮތަށް ކިޔަވައި ދިނުމުން ދަރިވަރުންގެ ވިސްނުން
ތަރައްޤީވަމުން ދާނެ ކަމާއި މެދަކު އޮޅުމެއް ނެތެވެ.
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް އަމާޒުކޮށް ކިޔަވައި
ދިނުމުގައި ހުރި ގޮންޖެހުންތަކަށް ބަލާއިރު ދެވަނަ ކަމެއްގެ ގޮތުގައި
ފާހަގަކުރެވެނީ، މުދައްރިސުންގެ ކިބައިގައި އެގޮތަށް
ކިޔަވައިދިނުމަށް ބޭނުންވާ މަޢްލޫމާތާއި ހުނަރު ނެތުން ނުވަތަ ކުޑަވުމެވެ.
މިހުރަސް ގިރާ ކުރުމަށް ޓަކައި މުދައްރިސުންނަށް ރަގަޅު އިންސަރވިސް ތަމްރީނު
ޕްރޮގްރާމެއް ހިންގަންޖެހެއެވެ. އަދި ވިސްނުން ތަރައްޤީކުރުމަށް އަމާޒުކޮށް
ކިޔަވައިދޭ ރަގަޅު މުދައްރިސުންނާއި އެކު މަސައްކަތް ކުރުމުގެ ފުރުޞަތު
މުދައްރިސުންނަށް ތަނަވަސްކޮށް ދޭ
ޕްރޮގްރާމެއް ވެސް އެކަމަށްޓަކައި ކާމިޔާބުކޮށް ހިންގިދާނެއެވެ. އުނގެނުމަކީ އައު
މަޢުލޫމާތު ، ކުރިން ލިބިފައިވާ މަޢުލޫމާތާއި ގުޅުވައިލުމެވެ.އެހެން ނަމަވެސް
މުދައްރިސުންނަށް ލިބިފައިވާ ހަނި ފުރުސަތު ނުވަތަ މަދު ވަގުތުކޮޅުގެ ސަބަބުން
މިފަދަގޮތްގޮތަށް ފިލާވަޅު ބައްޓަން ނުކުރެވެއެވެ. ޕިޔާޖޭ ( 1977 ) ގައި ހާމަ ކުރައްވާގޮތުގައި މީހުން ދަސްކުރަނީ ކުރިން
އެނގިފައި ހުރި އެއްޗަކާ އަލަށް ލިބިފައިވާ މައުލޫމާތު ގުޅުވައިގެންނެވެ.އަދި ވެސް
ޕިޔާޖޭ ހާމަ ކުރައްވާގޮތުގައި މިފަދަ ގޮތަކަށް މަޢުލޫމާތު ގުޅުވުމުގައި
ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ރާއްޖޭގެ ސްކޫލުތަކު ގައި ޢާއްމުގޮތެއް ގައި 2 ދަންފަޅިއަށް
ކިޔަވައި ދޭން ޖެހުމުން ދަންފަޅިއަކަށް ލިބޭ ވަގުތު ކުޑަވުމަކީ ވެސް ދަރިވަރުންގެ
ވިސްނުން ތަރައްޤީކުރުމަށް އަމާޒުކޮށްގެން ކިޔަވައި ދިނުމުގައި މުދައްރިސުންނަށް
ހުރި ގޮންޖެހުމެކެވެ. މާއްދާ އަށް ލިބޭ
ކުޑަވަގުތުކޮޅުގެ ތެރޭގައި މުޤައްރަރު ގައި ހިމެނޭ މަވާދު ދަރިވަރުންނަށް
ފުރިހަމައަށް ފޯރުކޮށްދޭން ޖެހުމުން ފިލާވަޅު ރޭވުމުގައާއި ތަންފީޛުކުރުމުގައި
އިސްކަން ދެވެނީ ވީހާ ކުޑަވަގުތު ކޮޅަކުން ފިލާވަޅުގެ ބައިތައް ފޯރުކޮށް ދެވޭނެ
ގޮތަކީ، ކޮބައިތޯ ބަލައި އެގޮތަކަށް ފިލާވަޅު
ފޯރުކޮށްދިނުމަށެވެ. އެހެންވުމުން ފިލާވަޅުގައި ދަރިވަރުންގެ ބައިވެރިވުމާއި
އެކުދީންގެ ދައުރު ޤުރުބާން ކޮށްލެވި، މުދައްރިސުގެ
ދައުރު ބޮޑުކުރެވެއެވެ. މިގޮތަށް ކިޔަވައި ދިނުމަކީ ދަރިވަރުންގެ ވިސްނުން
ތަރައްޤީކުރުމަށް މަސައްކަތް ކުރުމަށް ހުރި ހުރަހެކެވެ. އެހެންކަމުން މިހުރަސް
ގިރާކުރުމަށް މަދަރުސާތައް އެއް ދަންފަޅިއަށް ބަދަލުކޮށް މާއްދާއަކަށް
ޓައިޓޭބަލުން ލިބޭ ވަގުތު އިތުރުކުރަން ޖެހެއެވެ.
ކިޔަވައި ދިނުމަކީ ކޮބައިކަމާއި ކިޔެވުމާއި ކިޔަވައިދިނުމުގެ ބޭނުމާއި މެދު ބެލެނިވެރިންނާއި ޢާއްމުންގެ
ހޭލުންތެރިކަން ނެތުމަކީ ވެސް ދަރިވަރުންގެ ވިސްނުން ތަރައްޤީކުރުމަށް އަމާޒުކޮށް
ކިޔަވައި ދިނުމަށް ކުރިމަތިވާ ގޮންޖެހުމެކެވެ. ޤަބޫލުކުރައްވާނޭ ފަދައިން
ބެލެނިވެރިން ދަރިވަރުންނަށް ތަޢްލީމު ލިބެމުންދާކަން ނުވަތަ ނޫންކަން ވަޒަން
ކުރަނީ، އިމްތިހާނުގައި އެކުދީން މާއްދާތަކުން
ހޯދާ ގްރޭޑްތަކަށް ބަލައިގެންނެވެ. އެހެންކަމުން މުދައްރިސުން ކިޔަވައި
ދެއްވުމުގައި ފޯކަސް ކުރައްވަން އަބަދު ޖެހިލައްވަނީ ދަރިވަރުންގެ ގްރޭޑްތައް
މަތިކުރެވޭ ގޮތަށް ކިޔަވައިދެއްވުމަށެވެ. މިގޮތަށް ކިޔަވައި ދެއްވަން ޖެހުމުން
ދަރިވަރުންގެ ވިސްނުންތަރައްޤީކުރުމަށް އަމާޒުކޮށްގެން ކިޔަވައި ދިނުމުގެ
މަސައްކަތް ކުރެވޭކަށް ނޯވެއެވެ. އޭގެ ބަދަލުން މަސައްކަތް ކުރެވެމުން ދަނީ، މަޢްލޫމާތު ގިރާފައި ބޯންދޭ ގޮތަށެވެ. ދަރިވަރުން ޖެހެނީ
މުދައްރިސުން ފޯރުކޮށްދެއްވާ މަޢްލޫމާތު ދަސްކޮށް އެ މަޢްލޫމާތު
އިމްތިހާނުތަކުގައި ހަނދާނުން ކަރުދާހަށް ނަކަލުކޮށް ހުށަހަޅައިގެން ގްރޭޑް
ހޯދާށެވެ. މިހެން ވުމުން ދަރިވަރުން އަމިއްލަ ވިސްނުމާއި ފިކުރުން ކަންކަން ހޯދައި
ތަޖްރިބާ ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ކިޔަވައި ނިމޭ އިރުވެސް ތަޢްލީމު
ލިބުމުން ވިސްނުން ތަރައްޤީކުރެވެން ވާ ވަރާއި ގާތަކަށް ވެސް ވިސްނުން ތަރައްޤީ
ނުވެއެވެ. މިކަން ހައްލު ވާނީ ބެލެނިވެރީންނާއި ޢާއްމުން ތަޢްލީމަކީ ކޮބައިކަމާއި
މެދު ދެކޭގޮތް ބަދަލުކުރެވިގެންނެވެ.ކޮމޭރަސް(1993) ހާމަ ކުރައްވާގޮތުގައި، ދަރިވަރުންގެ
ވިސްނުމުގެ ހުނަރު ތަރައްޤީ ކުރެވޭނެ އެއްކަމަކީ ، ދަރިވަރުންނަށް ކަންކަން
ވިސްނައިގެން އެދަރިވަރުން ދެކޭގޮތް ހާމަކުރުމަށް ފުރުސަތު
ހުޅުވާލެވިގެންނެވެ.ނަމަވެސް މިފަދަ ގޮތްގޮތަށް ދަރިވަރުންނަށް ފުރުސަސަތު
ރާއްޖޭގެ ސްކޫލްތަކުން ދެވެނީ ވަރަށް މަދުންނެވެ. ހަޤީޤީ ތަޢްލީމަކީ ދަރިވަރު ހޯދާ
ގްރޭޑްތަކެއް ނޫންކަމާއި އެއީ މީހެއްގެ ސިކުނޑިއަށް ތަރައްޤީ ލިބި، ކަންކަމާއި މެދު އެމީހަކު ވިސްނާ ގޮތްތަކަށް އަންނަ ހެޔޮ
ބަދަލެއް ކަން ދެކިގެންނެވެ. ބެލެނިވެރީންނާއި ޢާއްމުންގެ މެދުގައި އޮތް މިދުވަސްވީ
މިވިސްނުން ބަދަލުކުރެވޭނީ، އެޔާއި މެދު
އެމީހުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރެވިގެންނެވެ.
ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން ކިޔަވައި ދިނުމަށް
ސްކޫލުތަކުގެ މެނޭޖްމެންޓުން އެންމެ އެދެވޭ އެއްބާރުލުން ނުލިބުމަކީ ވެސް އެކަމަށް
ހުރި ގޮންޖެހުމެކެވެ. ކުރިންވެސް ދެންނެވި ފަދައިން ރާއްޖޭގެ ތަޢްލީމީ ޘަޤާފަތް
ބައްޓަންވެފައި އޮތް ގޮތުން، ރާއްޖޭގައި
ޤަދަރުކުރެވި، ބަލައިގަނެވުމުން ދަނީ ހަމައެކަނި
އިމްތިހާނުތަކުން ރަގަޅު ގްރޭޑް ހޯދާ ސްކޫލު، މަދަރުސާތަކެވެ. މިހެން ވުމުން
ސްކޫލުތަކުގެ މެނޭޖްމެންޓުން ދަރިވަރުންގެ
ވިސްނުމުގެ ތަރައްޤީއަށް ކުރަން ޖެހޭ މަސައްކަތްތައް ޤުރުބާންކޮށްލާފައި އިސްކަން
ދެމުން ދަނީ ކޮންމެ ގޮތަކަށް ހަދައިގެން ނަމަވެސް އިމްތިހާނުން ދަރިވަރުންނަށް
ލިބޭ ގްރޭޑް މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށެވެ. އެޔާއި ޚިލާފަށް މަސައްކަތް
ކުރާ މުދައްރިސުންގެ މަސައްކަތް ބަލައިގަނެ އެކަމަށް ހިތްވަރު ދެވެމުން
ނުދެއެވެ. މިކަން ހައްލު ކުރެވޭނީ، ތަޢްލީމާއި މެދު ދެކޭ ގޮތް މުޖްތަމަޢުގެ ހުރިހާ
ފަންތިއަކުން ބަދަލުކުރެވިގެންނެވެ. މިބަދަލު ގެނެވޭނީ ސަރުކާރުގެ އެންމެ މަތީ
ފަންތީގެ އިސްނެގުމާއި އެކު މިކަމުގައި މުޅި މުޖްތަމަޢުގެ ވިސްނުން ބަދަލުކުރުމަށް
ހަރަކާތްތަކެއް ހިންގިގެންނެވެ.
މުދައްރިސުން ދަރިވަރުންގެ ތަފާތުތަކާއި ޤާބިލްކަން
ދަނެގަތުމުގެ މުހިންމުކަން.
ޤުދަރަތުގެ ޚަލްޤުކުރެވުމަކީ އިންސާނުންގެ
އުފެއްދުން މިހުންނަ ގޮތަށް، ކާރުޚާނާތަކުން އެއްބާވަތެއްގެ ގިނަ ތަކެތި
އުފެއްދުމުގައި ކަންތައް ކުރާ ބީދައިން ހިނގާ ކަމެއް ނޫނެވެ.އެޔާއި ޚިލާފަށް
ޤުދުރަތުގެ ކޮންމެ ފަރުދީ އުފެއްދުމެއް ގައި އަނެއް ފަރުދީ އުފެއްދުމާއި ޚިލާފު
ތަފާތުތަކެއް ހުރެއެވެ. މި ތަފާތު ތަކުގެ ތެރޭގައި ސިފަތަކުގެ ތަފާތު ކަމާއި
މިންތަކުގެ ތަފާތު ކަމާއި ހަރު-މަޑުކަމުގެ
ތަފާތުކަމާއި ޚާއްޞިއްޔަތުތަކާއި ޤާބިލިއްޔަތުތަކުގެ ތަފާތުކަން ފަދަ ގިނަ
ތަފާތުތަކެއް ހުންނަކަން ފާހަގަހުރެވެއެވެ. މިކަން އިތުރަށް ސާފުކޮށްލެއްވުމަށް
އިލާހީ އުފެއްދުންތަކުގެ ތަފާތު ޖިންސުތަކަށާއި ނަޢުތަކަށް ބައްލަވާށެވެ.
މިސާލަކަށް އަނބު، އާފަލު ފަދަ މޭވާ ނަގަމާހެއްޔެވެ. އަނބުގެ ކިތައް ވައްތަރު
އެބަހުރި ތޯއެވެ. އާފަލުގެ ހުރީ ކިތައް ވައްތަރު ބާވައެވެ. މިއިން ކޮންމެ
ބާވަތެއްގެ ކުލަތަކާއި ރަހަތަކަށް ބެއްޔަސް ހައިރާންވާ ފަދަ ގިނަ، ބޮޑެތި
ތަފާތުތައް ފާހަގަކުރެއްވޭނެއެވެ. މިތަފާތުތައް ފާހަގަކުރެވެނީ، ޤުދަރަތުގެ އުފެއްދުންތަކުގެ ތެރެއިން ހަމައެކަނި
މޭވާއާއި އާފަލަކުން ނޫނެވެ. ޤުދްރަތުގެ ކޮންމެ އުފެއްދުމަކުން މިފަދަ
ގިނަތަފާތުތައް ނުފެނި ނުދާނެއެވެ.
އާއްމު
ގޮތެއްގައި ރާއްޖޭގެ ސްކޫލްތަކުން ފެންނަ ދަރިވަރުންނަކީ، އާއިލާގެ އިޤްތިސާދީ
ފެންވަރު، ޘަޤާފް، ޖިންސް، އުނދަގޫ ފަތްތަރެއްގައި ތިބޭކުދިން ( ތަފާތު އެކި
ސަބަބުތަކަކާއިހުރެ ތަޢުލީމީ ވަކި ފެންވަރަކާ ހަމައަށް ނުގޮސްތިބޭ ކުދިން
)އަދި ތޫނުފިލި ކުދިން ނެވެ. ކުދިންގެ
ތަފާތުތަކާއި ބެހޭގޮތުން ޖޭނެޓް ގޮންޒިލޭޒް (2014)ހާމަ ކުރައްވާގޮތުގައި ކުދިންގެ
ކިބައިގައި ހަރުލައްވަންވީ އެހެން މީހުންނާއި ދޭތެރޭ ރަގަޅުގޮތުގައި
ވިސްނުމަށާއި އެހެންމީހުންގެ ތަފާތުތަކަށް
އިހްތިރާމް ކުރުމަށެވެ.
އަޅުގަނޑުމެން އިންސާނުންނަކީ، ޤުދްރަތުގެ
މަޚްލޫޤާތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި މަޚްލޫޤެވެ. އެހެންވީއިރު
އެހެން ހުރިހާ މަޚްލޫޤާތަށް ވުރެ އިންސާނުންގެ ވަކި އަފްރާދުންގެ މެދުގައި ހުރި
ތަފާތުތައް ވެސް ގިނަވެފައި ބޮޑުވުމަކީ ނުވެ ނުދާނޭ ކަމެއް ކަމަށް
ޤަބޫލުކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ އަމިއްލަ ޤަބޫލުކުރުމަކަށް ވުރެ ބޮޑަށް، ހަޤީޤަތެއް ވެސް މެއެވެ. މި ހަޤީޤަތް އިންސާނުންގެ ކޮންމެ
ކަމަކުން ހާމަވެ އެހުރީ ފެންނާށެވެ. މިސާލަކަށް އިންސާނުންގެ ސޫރައާއި ސިފައަށް
ބަލަމާ ހެއްޔެވެ. ފާޑުކިޔުމުގެ ނަޒަރަކުން އިންސާނުންގެ ސިފަޔާއި ސޫރައަށް ބަލާ
މީހަކަށް ވަންހަނާ ވެފައި ނުވާނޭ ފަދައިން އެކިއެކި އިންސާނުންގެ ސިފައާއި
ސޫރައިގައި ހައިރާންކުރުވަނިވި ބޮޑެތި ގިނަ ތަފާތުތަކެއް ހުރިކަން
ފާހަގަކުރެވޭނެއެވެ. ކޮންމެ އިންސާނަކީ ހުރިހާގޮތަކުން ވެސް ތަފާތު ވަކި މީހެކެވެ.
މިސާލެއްގެ ގޮތުން އިންސާނުންގެ މޫނަށް އެކަނި ބަލަމާ ހެއްޔެވެ. އެގޮތަށް ބަލާއިރު
އެއްވެސް އިންސާނަކު އަނެއް އިންސާނަކާއި ވަކިކުރަން ނޭގޭ ވަރަށް، އެއްވައްތަރު ކަމަށް ފެނިލައްވާތޯއެވެ.
ފެނިނުލައްވާނެއެވެ. ކޮންމެ މީހަކީ އަދި ކުއްޖަކީ ތަފާތު ސިފަތަކަކާއި އެކު
ޚަލްޤުކުރައްވާފައި މުޅިން ތަފާތު މީހަކާއި ކުއްޖެކެވެ. އެކި މީހުންގެ މެދުގައި
މިނުގެ ގޮތުން ބެއްޔަސް ގުނަވަންތަކުގެ ބައްޓަންތަކަށް ބެއްޔަސް ބޮޑެތި
ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭނެއެވެ. ކުލައާއި ހަންގަނޑުގެ ޓެކްސްޗަރ އާއި
ސޫރައަށް ބެއްޔަސް ޢަޖައިބު ވަނިވި ބޮޑެތި ތަފާތުތަކެއް ފާހަގަ ނުކުރެވި ނުދާނެއެވެ.
މިތަފާތުތައް ހުރީ އަކީ އަމައެކަނި އިންސާނުންގެ ބުރަސޫރައާއި ކުލައާއި މިނުގައި
އެކަންޏެއް ނޫނެވެ. އިންސާނާގެ ކޮންމެ ކަމަކަށް ބެއްޔަސް ބޮޑެތި ތަފާތުތައް
ފާހަގަނުވެ ނުދާނެއެވެ. އިންސާނުންގެ މިޒާޖާއި ވިސްނާ ގޮތާއި ކަންތައް ދެކޭ ގޮތާއި
ކަންތަކަށް ޝައުޤުވެރިވާގޮތާއި މާހައުލުން ފެންނަ ކަންތައް ތަރުޖަމާ ކުރާގޮތާއި
ވާހަކަ ދައްކާ ގޮތާއި އަޑާއި ރާގު ގައި ވެސް އެކަކު އަނެކަކާއި ބޮޑެތި ގިނަ
ތަފާތުތަކެއް ހުރިކަން ފާހަގަކުރެވޭނެއެވެ.
އިންސާނުންގެ މެދުގައި އެކި ކަންކަމު ގައި ހުންނަ މިދެންނެވި ތަފާތުތަކުގެ
ނަތީޖާއެއްގެ ގޮތުން އެކަކަށް ކަމުދާ އެއްޗެއް އަނެކަކަށް ކަމު ނުދިއުމަކީ ވަރަށް
ޢާއްމުކޮށް ފެންނަ ކަމެކެވެ. އެކަކު ނުލާހިކު ގަޔާވާ މީހަކު އަނެކަކަށް ބަލާލަން
ވެސް ނުކެރެނީ އެހެންވީމައެވެ. އެކަކަށް ރީތި ކުލައެއް ނުވަތަ މަންޒަރެއް
އަނެކަކަށް ހުތުރުވުމާއި، އެކަކު ގަޔާވާ އަޑެއް ނުވަތަ ރާގެއް އަނެކަކު
ފޫހިވާ އެއްޗަކަށް ވުމަކީ ވެސް އެހެންވެ
ވާގޮތެކެވެ. އެކަކަށް ކަމުދާ ޚިޔާލެއް ނުވަތަ ވާހަކައެއް އަނެކަކަށް ކަމު
ނުދިއުމަކީ ވެސް އިންސާނުންގެ މެދުގައި ހުންނަ ތަފާތުތަކަށް ނިސްބަތް ކުރެވިދާނެ
ކަންތަކެކެވެ.
އަރަހުރި
ﷲ އިންސާނުން ޚަލްޤު ކުރެއްވުމުގައި
މިދެންނެވި ފަދަ ގިނަ، ބޮޑެތި ތަފާތުތަކެއް
ލައްވައި ކޮންމެ ފަރުދަކީ ގިނަ ގޮތްތަކަކާއި ސިފަތަކަކުން މުޅީން ތަފާތު މީހެއްގެ
ގޮތުގައި އުފައްދަވާފައި ވާއިރު އަޅުގަނޑުމެން އިންސާނުންނަށް އެތަފާތު ބަލައި
ނުގަނެ ފަރު ޖެއްސެން އެބަ އޮތްތޯއެވެ. ނެތްކަމާއި މެދަކު އޮޅުމެއް ނެތެވެ.
އެހެންކަމުން އިންސާނުންނާއި ގުޅިގެން ނުވަތަ އިންސާނުންނަށް އަޅުގަނޑުމެން ކޮށްދޭ، ނުވަތަ ކުރާ ކޮންމެ ކަމެއް ކުރުމުގައި މިތަފާތުތަކަށް
ރިޢާޔަތް ކޮށްގެން އެކަމެއް ކުރުމަށް އިސްކަމެއް ދޭން ޖެހެއެވެ. އެ ގޮތަށް އެކަން
ނުކުރެވޭ ނަމަ އަޅުގަނޑުމެން އެކުރާ ކަމަކުން އަޅުގަނޑުމެން ނެރެން ބޭނުންވާ
ނަތީޖާ ނުނެރެވޭނެއެވެ. އެކަމެއް ކާމިޔާބީގެ މަތީ ހަރުފަތަށް ނުގެންދެވޭނެއެވެ.
އެކަމެއް ނާކާމިޔާބު ވުން ނުވަތަ ފުރިހަމަ ނުވުން ދުރެއް ނުވާނެއެވެ. މިކަމަކީ
އަޅުގަނޑުމެން މުދައްރިސުން ކޮންމެދުވަހެއްގެ ދިރި އުޅުމުން ފެނި ތަޖްރިބާ
ކުރަމުންދާ ކަންކަމެވެ.
މިކަން
އިތުރަށް ސާފުކުރުމަށް މިސާލެއްގެ ގޮތުން އަޅުގަނޑުމެން ކޮންމެ ދުވަހަކު
ކުރަމުންދާ ކަމެއް ކަމުގައިވާ ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމަށް ބަލާލަމާ
ހެއްޔެވެ. އަޅުގަނޑުމެން ފޮނި އުންމީދުތަކަކާއި އެކު ތައްޔާރުކޮށްގެން ކުލާހަށް
ގެންދާ ފިލާވަޅުތަކަށް ވަނީ ކިހިނެއް ހެއްޔެވެ! އެއިން އެންމެ ފިލާވަޅެއް ވެސް
އަޅުގަނޑުމެން އުންމީދުކުރި ގޮތަށް ދިޔަ ތޯއެވެ. ހުރިހާ ދަރިވަރުންގެ ސަމާލުކަމާއި
ޝައުޤުވެރިކަން އަޅުގަނޑުމެންނަށް އެފިލާވަޅުތަކަށް ހޯދޭތޯއެވެ؟ ނޫނެކެވެ!
ނުހޯދެއެވެ. އެއްކުދިބަޔަކު ވަރަށް ޝައުޤުވެރި ވެފައި އަޑު އަހަން ތިބޭ އިރު
އަނެއް ކުދި ބަޔަކު އެ ތިބެނީ އަޑު ނާހައެވެ. އެހެން ކުދި ބަޔެއްގެ މޫނުމަތީން
ފެންނަނީ ފޫހިކަމާއި ނުރުހުމުގެ ނިޝާންތަކެއެވެ. ފިލާވަޅު ކަމުނުދާކަމުގެ
ޝުޢޫރުތަކެވެ. އެދަރިވަރުންގެ ކިބައިން މިފެންނަ ކަންތައްތަކާއި ޝުޢޫރުތައް
އަޅުގަނޑުމެން ތަރުޖަމާ ކުރަނީ އެކުދީން ކިޔަވާ ހިތް ނުވަނީ ކަމުގައެވެ. ނުވަތަ
އެހެން ކުދިބައެއްގެ ނޭދެވޭ ނުފޫޒެއް ގައި ޖެހިގެން ވާ ގޮތެއް ކަމަށެވެ. ނުވަތަ
މައިންބަފައިންގެ އަޅާނުލުމާއި ފަރުވާ ކުޑަކަމުން އެ ކުދީން ފިލާވަޅަށް
ތައްޔާރުކޮށް ފައި ނުފޮނުވެނީ ކަމަށެވެ. ނުވަތަ ގޭތެރޭގެ ހަމަނުޖެހުންތަކުގެ
ސަބަބުން އެކުދީންނަށް ކޮށްފައިވާ ނަފްސާނީ އަސަރުތަކެއްގެ ނަތީޖާގެ ސަބަބުން ވާ
ގޮތެއް ކަމަށެވެ. މިއިން ކޮންމެ ކަމަކީ ވެސް ވުން އެކަށީގެންވާ، ވެދާނެ ގޮތެކެވެ.
އެކަމަކު އަހެރެމެންގެ އަތުގައި ހުރީ އެކަން އެގޮތަށް ވަނީ މިއިން ސަބަބަކާއި ހުރެ
ކަމުގެ ކޮން ހެއްކެއް ހެއްޔެވެ. ނުވަތަ
އެއީ އެކަން އެގޮތަށް ވާން މެދުވެރިވާ އެހެން ސަބަބެއް ނެތިގެން ނެރެވޭ ލާޒިމީ
ނަތީޖާ ހެއްޔެވެ. ނޫނެކެވެ. އެކަން
އެގޮތަށް މެދުވެރިވާން ދިމާވެދާނެ، އަދި ދިމާވާ
ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް ހުރީ ޚުދު
އަހަރެމެން ޓީޗަރުންނާއި ގުޅިފައެވެ.2014 ވަނައަހަރުގައި ކެލިފޯނިޔާގައި ބޭއްވުނު ސީސޭމް ވޯރކްޝޮޕްގެ ރިޕޯރޓްގައި ވާގޮތުން މުދައްރިސުން
ދަރިވަރުންގެ ތަފާތަށް ނުބަލާ ދަރިވަރުންދޭ ޖަވާބުތަކަށާއި ކުރާ ސުވާލުތަކަށް އިހްތިރާމްކޮށް ޖަވާބު ދާރީވާން ޖެހޭނެއެވެ.
އަދި ކުއްޖާއަށް ފުރުސަތު ނުދީ ހަނުހުރުމަށް މަޖުބޫރު ކުރުވައިގެން ނުވާނެއެވެ.
އަޅުގަނޑުމެން ކުރާކަންތައްތައް ވަނީ، އަޅުގަނޑުމެންގެ މިޒާޖާއި އަޅުގަނޑުމެން
މަސައްކަތް ކުރާ ގޮތާއި ގުޅިފައެވެ. އަޅުގަނޑުމެން ވިސްނާ ގޮތާއި، ވާހަކަ ދައްކާ ގޮތާއި، ނުވަތަ ބަސްބުނާ ރާގާ ގުޅިފައެވެ. އަޅުގަނޑުމެން
ތައްޔާރުކުރާ ފިލާވަޅުތަކާއި ގުޅިފައެވެ. އެފިލާވަޅުތައް ތައްޔާރުކުރުމުގައި ބަލާ
ކަންތަކާއި ފިލާވަޅު ތައްޔާރުކުރެވިފައިވާ ގޮތާއި ގުޅިފައެވެ. ވަކިން ޚާއްޞަކޮށް
ފިލާވަޅުތައްޔާރުކުރުމުގައި ތަފާތު ފެންވަރުގެ، ތަފާތު މިޒާޖުތަކުގެ، ތަފާތު
ވިސްނުންތަކުގެ، ކުދީންތިބިކަން ހަނދާނުގައި
ބަހައްޓައިގެން އެ ތަފާތުތަކަށް ރިޢާޔަތް ކޮށްގެން ފިލާވަޅު ތައްޔާރު ނުކުރެވުމާއި
ގުޅިފައެވެ. ތަފާތު ޝައުޤުތަކުގެ ކުދީންނާއި އުގެނުމުގައި ތަފާތު ގޮތްތަކެއް ގެންގުޅޭ ކުދީންތަކެއް
ކުލާހުގައި ތިބޭކަން ބަލައިގެން، އެއިން ކޮންމެ ގިންތިއެއްގެ ކުދީންނާއި ގުޅޭ، އެކުދީންނަށް ކަމުދާ ގޮތަށް ފިލާވަޅުގެ ކޮންމެވެސް ބައެއް
ބައްޓަންކޮށްގެން އަޅުގަނޑުމެންނަށް
ފިލާވަޅު ތައްޔާރުނުކުރެވުމާއި ގުޅިފައެވެ.
އެހެންކަމުން ޛިއްމާދާރު މުދައްރިސުންގެ ހައިޘިއްޔަތުން އަޅުގަޑުމެން ޤަބޫލުކުރަންޖެހޭ
ވަރަށް މުހިންމު ހަޤީޤަތެއް އެބަ އޮތެވެ. އެއީ ފިލާވަޅުތައް ކާމިޔާބުވުމާއި ނުވުން
ބިނާވެފައި އޮންނަނީ، ފިލާވަޅުތައް
ތައްޔާރުކުރުމުގައި ކުލާހުގައި އުޅޭ ތަފާތު ކުދިންގެ ކިބައިގައި ހުންނަ
އެތަފާތުތަކަށް ރިޢާޔަތް ކޮށްގެން ފިލާވަޅު ތައްޔާރުކުރެވޭ ނުވަތަ ނުކުރެވޭ
ވަރެއްގެ މައްޗަށް ކަމެވެ. އެގޮތަށް ފިލާވަޅު ތައްޔާރުނުކުރެވޭހާ ހިދަކު
އަޅުގަނޑުމެންގެ ކިޔަވައި ދިނުން ސައްތައިން ސައްތަ ކާމިޔާބު ނުކުރެވޭނެ ކަމެވެ.
ސްކޫލުގައި މުދައްރިސުންގެ ހައިޘިއްޔަތުން އަޅުގަނޑުމެން އަދާ ކުރަންޖެހޭ
މަސްއޫލިއްޔަތުތަކު ގައި ކުދީންގެ ކިބައިގައި ހުންނަ ތަފާތުތަކަށް ރިޢާޔަތް
ކޮށްގެން ކަންކަން ކުރަން ޖެހެނީ، ހަމައެކަނި
ފިލާވަޅު ތައްޔާރުކުރުމާއި ފިލާވަޅު ހުށަހެޅުމާއި ވަޒަންކުރުމުގައެއް ނޫނެވެ.
ކުދީންނާއި މުޢާމަލާތުކުރުމާއި މުވާޞަލާތު ކުރުމުގައި ވެސް މުދައްރިސުންނަށް
އެކަން ކުރައްވަން ޖެހިލައްވާނީ، ކޮންމެ
ކުއްޖަކީ މިޒާޖްގެ ގޮތުންނާއި ނަފްސާނީ ގޮތުން އަދި ވިސްނުމުގެ ގޮތުން ތަފާތު
ކުއްޖެއްކަމަށް، ބައްލަވައި އެކުއްޖަކާއި ގުޅޭ ގޮތަށެވެ. އެހެން ނުވެއްޖެ ނަމަ
ކުދީން އަޅުގަނޑުމެން އެކުރާ މުޢާމަލާތެއް ބަލައި ނުގަތުން ދުރު ނުވާނެއެވެ. އަޅުގަނޑުމެން
އެކުރާ މުޢާމަލާތުގެ އަސަރު ކުރާލެއް ކުޑަ ނުވެ ނުދާނެއެވެ. އެހެންކަމުން
މުދައްރިސުން ދަރިވަރުންނާއި މުޢާމަލާތުކުރެއްވުމުގައާއި މުވާޞަލާތު
ކުރެއްވުމުގައި އަބަދުވެސް ދަރިވަރުންގެ ކިބައިގައި ހުންނަ ތަފާތުތަކަށް ރިޢާޔަތް
ކުރައްވައިގެން އެކުއްޖެއްގެ މިޒާޖާއި ވިސްނުމުގެ ފެންވަރާއި އެކުއްޖެއްގެ
އެވަގުތެއްގެ ހާލަތަކާއި ރަނގަޅަށް ގުޅޭ ގޮތަށް
އެކަން ކުރެއްވުން މުހިންމެވެ. އެ
ގޮތަށް ނުކުރެވޭ ނަމަ އެކުރާ މުޢާމަލާތު ނުވަތަ މުވާޞަލާތުން ހޯދަން ބޭނުންވާ
ނަތީޖާ އެދެވޭ ގޮތަށް ނުލިބުން ދުރުނުވާނެއެވެ. އަދި ބައެއް ހާލަތްތަކުގައި
ކުއްޖާގެ ފަރާތުން ބަޣާވާތާއި ކުރިމަތިވެ، އެބޭނުންވާ ނަތީޖާއާއި މުޅިން އިދިކޮޅު
ނަތީޖާ ނުކުތުމަކީ ވެސް ވެދާނެ ގޮތެކެވެ. އަދި އެއީ އެކަން ވާ ގޮތެއް ވެސް މެއެވެ.
އިސްވެ
ދެކެވުނު ވާހަކަތަކުން ހާމަވި ފަދައިން ކޮންމެ ކުއްޖަކީ ވެސް މުޅިން ތަފާތު
ކުއްޖެކެވެ. ކުއްޖާގެ ކިބައިގައި ހުންނަ ޤާބިލިއްޔަތުތަކާއި ޝައުޤުތަކާއި
އުގެނޭ ގޮތުގައި ބޮޑެތި ތަފާތު ތަކެއް ކުދީންގެ މެދުގައި ހުރެއެވެ.
ކުދީންނަށް ކިޔެވުމުގެ ގޮތުން ކުރިޔަށް ދެވެނީ އެތަފާތުތަކަށް ރިޢާޔަތްކޮށްގެން
ކިޔަވައި ދެވިގެންނެވެ. އެ ގޮތަށް ކިޔަވައި ނުދެވޭނަމަ، ގިނަ
ކުދިބަޔަކަށް އަޅުގަޑުމެން ބޭނުންވާ ނަތީޖާ ނުނެރެވިދާނެއެވެ. ކަންމިހެން
އޮތް އިރު މުދައްރިސުން ކުދީންނަށް ދޭ ފިލާވަޅުތަކުން އެންމެ އެދެވޭ ގޮތަށް
ކުއްޖަކަށް އުގެނެމުން ނުދެވުމަކީ، އެކުއްޖަކު
ފެއިލްވުމެއް ނޫނެވެ. ނުވަތަ އެކުއްޖެއްގެ ނުކުޅެދުންތެރި ކަމެއް ވެސް ނޫނެވެ.
އެހެން ކަމުން، ކުދިބައެއްގެ ފަރާތުން އަޅުގަނޑުމެން ދެކެން އެދޭ ނަތިޖާ ނުފެނުމަކީ، ކުދީންނާއި މެދު އޮންނަ އުންމީދު ކަނޑާލައި އެކުދީން ބާކީ
ކޮށްލަންޖެހޭ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން މަސައްކަތް
ކުރަންޖެހެނީ އެކުއްޖެއްގެ ހުނަރުތަކާއި ޤާބިލިއްޔަތުތަކަކީ ކޮބައިތޯ ބަލައި އެ
ކަންތަކާއި އެސިފަތައް ދިރުވައި ތަރައްޤީ ކުރުމަށެވެ. އެ ގޮތަށް މަސައްކަތް ކުރެވޭ
ނަމަ، ކޮންމެ ކުއްޖަކީ ވެސް މުޖްތަމަޢަށް
ބޮޑެތި ފައިދާތަކެއް ކުރާނެ ރަނގަޅު ކުއްޖަކަށް ހެދިދާނެ ކުއްޖެކެވެ.
ކިޔަވައި
ދިނުމަށް މުދައްރިސުން ތައްޔާރުވުމާއި ފިލާވަޅުގެ ކަންތައް އިންތިޒާމުކުރާ ގޮތުން
އުނގެނުމަށް އަސަރުފޯރާ ގޮތް:
ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމެއް ދާނެގޮތް
ރަނގަޅަށް ރާވާލުމަކީ، އެކަމެއް ކާމިޔާބު ކަމާއެކު ނިންމުމައްޓަކައި ވަރަށް
ބޭނުންތެރި ކަމެކެވެ. ހަމައެޔާއެކު ކުލާހަށް ފިލާވަޅެއް ނަގައިދިނުމުގެ ކުރިން
އެފިލާވަޅެއް ކުރިއަށް ގެންދާނެގޮތް ރަނގަޅަށް ރާވާލުންވެސް ވަރަށް މުހިންމެވެ.
މިގޮތުން ފިލާވަޅެއް ރޭވުމުގައި ކުލާހުގައި ތިބޭ ދަރިވަރުންގެ އަދަދުން ފެށިގެން
އެދަރިވަރުންގެ ވިސްނުމުގެ ޤާބިލުކަމާއި ޝައުޤުވެރިކަން ހުރި ހިސާބަށްވެސް
ވިސްނަންވާނެއެވެ. ފިލާވަޅު ފަރުމާ ކުރުމުގައި މެޑަލިން ހަންޓަރގެ މޮޑެލްއިން(2003) ހާމަ ވާގޮތުގައި ދަރިވަރުންނަށް ކިޔަވައިދޭން ގަސްތުކުރާ ކޮންމެ
ފިލާވަޅަކީވެސް ކުރިން ރޭވިގެން ކިޔަވައިދެވޭ ފިލާވަޅަކަށް ވެއްޖެނަމަ،
އެފިލާވަޅަކުން ހާސިލް ކުރަން ބޭނުންވާ މަޤުސަދު ހާސިލު ވުމަށް ފަސޭހަވެގެން
ދާނެއެވެ. ކިޔަވައި ދިނުމުގައި
މުދައްރިސުންގެ ތައްޔާރުވުމާއި ފިލާވަޅުގެ ކަންތައް އިންތިޒާމުކުރާ ގޮތުން
ދަރިވަރުންގެ އުނގެނުމަށް ބޮޑެތި ފުން އަސަރުތަކެއް ކުރެއެވެ. އެހެންކަމުން މުދައްރިސުން ފިލާވަޅަށް ބޮޑަށް
ތައްޔާރުވެ، ފިލާވަޅު ރަގަޅަށް
ތަންޒީމުކޮށްގެން ދިއުމަކީ ފިލާވަޅު ކާމިޔާބުވުމުގެ ތަޅުދަޑިއެވެ. މިހެން މިދަންނަވަނީ
އެކަން އެހެން ވާންޖެހޭ ސަބަބުތަކެއް ހުރީމައެވެ. އެނގިލައްވާނޭ ފަދައިން ކުރާ
އެއްވެސް ކަމެއް ރަގަޅަށް ކުރެވޭނީ އެކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ
ކަންތައްތައް ރަގަޅަށް ކުރެވިގެންނެވެ. ކަންކަން ރަގަޅަށް ކުރެވެނީ އެކުރަން އުޅޭ ކަމެއް ރަގަޅަށް ރާވައި
ތަންޒީމުކޮށްގެން، އެކަމެއް ފަށަންވާ ހިސާބުން ރަގަޅު ފެށުމަކުން ފަށައިގެން
އެކަން ކުރަންވާ ރަގަޅު ތަރްތީބުން،ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް
އަޅަމުން ގޮސް ފުރިހަމަ ވަންދެން މަސައްކަތް ކުރެވިގެންނެވެ. ކަމެއް ފަށަންވާ
ހިސާބުން ރަގަޅު ފެށުމަކުން ނުފެށިއްޖެ ނަމަ، އެ ކަމެއް ނާކާމިޔާބު ވުން ދުރު ނުވާނެއެވެ. މުސްކުޅިން
ބުނެ އުޅޭފަދައިން "ކައްޗަށް ފެށުނު ކަމެއް ކެއްޗާއި ހަމަ އަށް ދިޔައަސް ދާނީ
ކައްޗަށް" ކަމުން އެކަމެއް އެންމެ ރަގަޅަށް ކުރިޔަށް ނުގެންދެވޭނެތީއެވެ.
އެހެންކަމުން ކުރާ ކޮންމެ ކަމެއް ވެސް ރަނގަޅަށް ކުރުމަށްޓަކައި އެކަމެއް ފެށުމުގެ
ކުރިން ރަގަޅަށް ރާވައި ތަންޒީމުކޮށްލަން ރަގަޅު ފެށުމަކުން އެކަމެއް ފަށަން
ޖެހެއެވެ.
މިދެންނެވި ވާހަތަކުން ހާމަވި ފަދައިން، މުދައްރިސުން ދެއްވާ ފިލާވަޅުތައް ވެސް ކާމިޔާބު ކުރެވޭނީ
މުދައްރިސު ރަގަޅަށް ފިލާވަޅަށް ތައްޔާރުވެގެން ކިޔަވައި ދޭން ކުލާހަށް
ވެންނެވުމުންނެވެ. އަދި އެދެއްވާ ފިލާވަޅު ރަގަޅަށް ރާވައި ތަންޒީމު ކުރެވިފައި
އޮވެގެންނެވެ.ޑރ މެޑަލިން ހަންޓަރ (2003)ގެ ދިރާސާތަކުން އެނގޭގޮތުގައި
ކާމިޔާބު މުދައްރިސުންނަކީ، އެމީހުންގެ
ފިލާވަޅުތަކުގައި ކުރު އެކްޓިވީޓީތަކާއި ސާފުކޮށް އޮޅުން ފިޅުވައިދޭނެ ގޮތްތަކާއި
ދަރިވަރުންނަށް ދަސްވާނެ ބަސްކޮށާރާއި ހުނަރުތަކުގެ އިތުރުން ފިލާވަޅު ނިމޭއިރު
އޮންނާނެ ގޮތް ކުރެހުމުން ބަޔާން ކޮށްފައިވާ ލެސަން ޕްލޭނެއް ތައްޔާރުކޮސްގެން
ކިޔަވައިދެއްވާ މުދައްރިސުންނެވެ.އެހެންނަމަވެސް އަޅުގަނޑުމެންގެ ސްކޫލްތަކުގައި
ކިޔަވައި ދެއްވާ މުދައްރިސުންނަށް ފިލާވަޅަކަށް އެހާ ތައްޔާރެއްނުވެއެވެ.
ލެސަންޕްލޭން ވަރަށް ފުރިހަމަޔަށް ލިޔުއްވާ މުދައްރިސުން ބައިވަރެވެ.
އެހެންނަމަވެސް އެލެސަން ޕްލޭނުގައި ހިމެނޭ ކަންތައްތައް ކުރަނީ މަދު
މުދައްރިސުންނެވެ. މުދައްރިސު ރަގަޅަށް ފިލާވަޅަށް ތައްޔާރު ނުވެ ކިޔަވައިދޭން
ކުދީންނާއި ކުރިމަތިލުމުން، ދިމާވާ
މައްސަލަތައް ގިނައެވެ. މުދައްރިސަށް ފިލާވަޅާއި މެދު އަމިއްލަ ނަފުސުގެ އިތުބާރު
ނެތުމާއި، ފިލާވަޅުންކިޔަވައިދެއްވަން ޖެހޭ ތަކެތި އެނގިނުލައްވައިގެން ޓެކްސްޓް
ފޮތް ބައްލަވައިގެން ފިލާވަޅު ބުނެދެއްވަން ޖެހުމާއި، ފިލާވަޅު ރަގަޅަށް އޮޅުންފިލުވައި ނުދެވުމާއި، ކިޔަވައިދޭ ތަކެތީގެ އެއްބަޔާއި އަނެއް ބައި ގުޅުވައި
ނުދެވުމަކީ މީގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކެވެ. ފިލާވަޅު ރާވައި
ރަނގަޅަށް ތަންޒީމުކުރެވިފައި ނެތުމަކީ ވެސް ފިލާވަޅު ރަގަޅަށް ގެންދިއުމަށް
ހުރަސް އެޅޭ ކަމެކެވެ. ކުރިން ކުދީންނަށް އެގޭ އެއްޗެއްސާއި ގުޅުވައިގެން ކިޔަވައި
ނުދެވުމާއި ކިޔަވައި ދިނުމުގެ ފިޔަޅަވަޅުތައް ތަރްތީބުން ނުގެންދެވުމާއި
ފިލާވަޅުގެ މުހިންމު ބައިތަކާއި ފިޔަވަޅުތައް ނުގެންދެވި ދޫވެގެން ދިއުމާއި
ވަގުތަށް ފިލާވަޅު ފުރިހަމަކޮށް ނުލެވުމަކީ، ފިލާވަޅު ނުރާވައި ކިޔަވައިދޭން ފެށުމުން ދިމާވާ
މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލައެވެ. މިފަދަ ގިނަ މައްސަލަތަކުން
ފުނިޖެހި، ކުރިބެދިފައިވާ ފިލާވަޅެއް ކާމިޔާބުވުމުގެ ފުރުޞަތު ވަރަށް
ހަނިވާނެއެވެ. ކޮންމެވެސް ވަރެއްގެ ކާމިޔާބީއަކާއި އެކު ގެންދެވުނު ނަމަވެސް އެ
ފިލާވަޅަކުން އެންމެ އެދެވޭ ނަތީޖާއެއް ނެރެވުމަށް ވުރެ ނުނެރެވުން ކައިރި
ވާނެއެވެ.ދަރިވަރުންތަކަކަށް ފިލާވަޅެއް ކިޔަވައި ދިނުމަށް ތައްޔާރުވާއިރު
އެފިލާވަލެއްގެ މަޤުސަދަކީވެސް ވަރަށް މުހިންމު އެއްޗެކެވެ. ތިމާކުރަން އުޅެނީ
ކީއްކަމާ އެކަމުން ހާސިލުކުރަން ބޭނުންވަނި ކޮންކަމެއްކަން ވަރަށް ސާފްކޮށް
އެގެންޖެހެއެވެ. މިއީ މުދައްރިސުން ފިލާވަލަށް ތައްޔާރު ވުމާއި އިންތިޒާމް
ކުރުމުގައި އެންމެ އިސްކަން ދޭއްވީ ކަމެވެ. ޑރ ޑޭވިޑް (2014) ހާމަ ކުރައްވާ ގޮތުގައި ފިލާވަޅުގެ
މަޤްސަދަކީ އެފިލާވަޅެއް ރޭވުމުގައި އެންމެ މުހިންމުކަމެވެ. އަދި އެ ފިލާވަޅެއްގެ
މަޤުސަދު ކަޑަ އަޅަންވާނީ، ދަރިވަރު
ކުރާކަމެއް ގޮތުގައި ދަރިވަރުގެ އުޅުން ދޭހަވާފަދަ ގޮތަށް ކަމަށްވެސް ޑރ ޑޭވިޑް
ހާމަކުރައްވައެވެ.އެންމެ ފުރަތަމަ މިގޮތަށް މަޤުސަދު ލިޔަން ތަޢާރަފް ކުރީ ރާލްފް
ޓައިލަރ (1949) އެވެ. އެހެން ކަމުން މުއައްޘިރު ގޮތުގައި ފިލާވަޅު ކުރިޔަށް
ގެންދެވުމަށްޓަކައި ކޮންމެހެންވެސް
މުދައްރިސު ފިލާވަޅަށް ތައްޔާރުވެލައްވަން ޖެހޭނެއެވެ. އަދި ފިލާވަޅު
ރަގަޅަށް ރާވައި ތަންޒީމުކޮށްލައްވަންވެސް ޖެހޭނެއެވެ.
ކުލާހުގައި ދަރިވަރުންނާއި ކުރެވޭމުޢާމަލާތު
ރަނގަޅު ގޮތުގައި ކުރުން
މުދައްރިސު ކުލާހު ގައި ދަރިވަރުންނާއި ކުރައްވާ ހުރިހާ މުޢާމަލާތެއް
ރަނގަޅު ގޮތުގައި ކުރެއްވުމަކީ ދަރިވަރުންގެ ތަޢްލީމާއި ތަރްބިއްޔަތުގެ
ކަންތައްތައް ރަނަގަޅަށް ގެންދިއުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ރަނގަޅު
ގޮތުގައި މުވާމަލާތު ނުކުރެވޭ ނަމަ، މުދައްރިސާއި
މެދު ދަރިވަރުންގެ ހިތްތަކުގައި އެކި ބާވަތުގެ ޝަކްވާ އުފެދި މުދައްރިސާއި
ދަރިވަރުންނާއި ދެމެދު އޮންނަން ޖެހޭ ރަގަޅު ގުޅުން ހީނަރުވެ، އެ ގުޅުން ނެތި
ދިއުމުގެ ނުރައްކަލަށް ހުރަހެޅެއެވެ.ދަރިވަރުންގެ ހިތްތަކުގައި މުދައްރިސާއި މެދު
އޮންނަން ޖެހޭ އިތުބާރު ނެތި ގޮސް އޭގެ ބަދަލުގައި ޝައްކާއި ވަހުމު އުފެދެއެވެ.
އަދިބައެއް ހާލަތްތަކުގައި ދަރިވަރުންގެ ހިތްތަކުގައި މުދައްރިސާއި މެދު ނަފުރަތު
އުފެދޭ ގޮތްވެސް ވެއެވެ.
މުދައްރިސާއި ދަރިވަރާއި ދެމެދު އޮންނަން
ޖެހޭ 'އެދުރު-ދަރިވަރު' ކަމުގެ ގުޅުން ހީނަރުވެ، ނުވަތަ ކެނޑި، މުދައްރިސާއި
މެދު ދަރިވަރުގެ ހިތުގައި އޮންނަން ޖެހޭ އިތުބާރު ގެއްލުމުން މުދައްރިސަށް ދަރިވަރުގެ ފަރާތުން ލިބެން ޖެހޭ
އިހްތިރާމާއި ޤަދަރު ނުލިބެއެވެ. މުދައްރިސަށް ދޭން ޖެހޭ އެއްބާރުލުމާއި
ފިލާވަޅުގައި ބައިވެރިވުން ރަގަޅު ގޮތުގައި ދަރިވަރަށް ނުދެވެއެވެ. އަދި
ދަރިވަރުގެ ކުރިމަތީގައި މުދައްރިސު ކިޔަވައި ދެއްވާ އެއްޗެއްސެކީ ބޭކާރު، އަޑު އަހަން ބޭނުން ނުވާއެއްޗެއްސެއް ވެދެއެވެ. މިފަދަ
ގޮތްތައް މެދުވެރިވުމުން އެމުދައްރިސަކު ދަރިވަރުންނަށް ކިޔަވައި ދެއްވާ މާއްދާ
އަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ވާހަކަ ދެންނެވުމުގެ ބޭނުމެއް އެބަ
އޮތްތޯއެވެ؟ މިގޮތަށް ކަންތައް ދިމާވުމުން ގެއްލެނީ، ހަމައެކަނި ދަރިވަރުންގެ އުގެނުމެއް ނޫނެވެ.
މުދައްރިސަށާއި ފިލާވަޅުތަކަށް ފޫހިވުމުން ދަރިވަރުން އެބުރެނީ ކިޔެވުމާއި ނުގުޅޭ
ބޭކާރު ކަންތަކަށެވެ. އެކަކު އަނެއްކަކަށް ޖެއްސުން ކުރުމާއި ސްކޫލުގެ ތަކެއްޗަށް
ގެއްލުން ދިނުން ފަދަ ނޭއްގާނި އަމަލުތަކަށް އަރައިގަނެވެ. މިގޮތުން ކުލާހުގެ
ކޮންޓްރޯލު މުދައްރިސުގެ އަތުން ގެއްލި، ބޮޑެތި ހަމަނުޖެހުންތަކަށް މަގު
ހުޅުވެއެވެ.ވެބަރ، މާޓިން އަދި ސަޔާނަސް(2005) ހާމަކުރައްވާ ގޮތުގައި ކުދިންނާއި މުދައްރިސުން
މުޢާމަލާތް ކުރާގޮތުން ދަރިވަރުން ފިލާވަޅުގައި ބައިވެރިވުން އިތުރުވެ
ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ވެގެންދެއެވެ. އަދި މުދައްރިސުން ދައްކާ
ވާހަކައަކީ ، ދަރިވަރުން ގަޔާވާ އޮއްޓަރު ހުރި ވާހަކަތަކަށްވެސް ވާންޖެހޭނެއެވެ.
އެހެންކަމުން ދަރިވަރުންނާއި އެކު ރަގަޅު ގުޅުން ދެމެހެއްޓުމަށްޓަކައި
މުދައްރިސުން ދަރިވަރުންނާއި ކުރާ ހުރިހާ މުޢާމަލާތަކީ، ރަގަޅު ގޮތުގައި ކުރެވޭ މުޢާމަލާތަށް ވާންޖެހެއެވެ.
ކުދީންގެ ޢުމުރާއި ދަރިވަރުންގެ އެވަގުތެއްގެ ހާލަތާއި ގުޅޭ މުޢާމަލާތަކަށް
ވާންޖެހެއެވެ. އެމުއާމަލާތަކީ ދަރިވަރުންނާއި މެދު މުދައްރިސުގެ ހިތުގައި
އަޅާލުމާއި އޯގާތެރިކަން އޮވެގެން އެކުދީންގެ ލާބައަށްޓަކައި ހެޔޮ ހިތުން ކުރާ
މުޢާމަލާތެއް ކަމުގެ ސިގްނަލް އެކުދީންނަށް ލިބޭ
ގޮތަށް ކުރެވޭ މުޢާމަލާތަކަށް ވާން ޖެހެއެވެ.
މުދައްރިސުންނާއި ދަރިވަރުންނާއި އޮންނަ
ގުޅުން.
މުދައްރިސުންނާއި ދަރިވަރުންނާއި ދެމެދު އޮންނަ ގުޅުމަކީ ދަރިވަރުންގެ
ތަޢްލީމާއި ތަރުބިއްޔަތު ހެޔޮ ގޮތުގައި ކުރިޔަށް ގެންދިއުމުގައި ވަރަށް މުހިންމު
ދައުރެއް އަދާކުރާ ގުޅުމެކެވެ. އެހެންކަމުން އެގުޅުން ރަގަޅު ގޮތުގައި އޮތުމަކީ
ދަރިވަރުންގެ ތަޢްލީމާއި ތަރްބިއްޔަތު ހެޔޮގޮތު ގައި ކުރިޔަށް ދިއުމަށް ވަރަށް
މުހިންމު ކަމެކެވެ. ދަރިވަރުންނާއި މުދައްރިސާއި ދެމެދު އޮންނަ ގުޅުން ނުރަގަޅު
ވެއްޖެއްނަމަ، މުދައްރިސަށް އެ ކުދިބަޔަކަށް
ރަގަޅަށް ކިޔަވައި ނުދެވޭނެއެވެ. އަދި އެކުދީންގެ ޑިސިޕްލިންގެ ކަންތައް ވެސް ހެޔޮ
ގޮތުގައި ނުގެންދެވޭނެއެވެ. އެހެނީ މުދައްރިސާއި ދަރިވަރުންނާއި ދެމެދު އޮންނަ
ގުޅުން ނުރަގަޅު ވުމަކީ ކުދީންގެ ހިތުން މުދައްރިސުގެ އިތުބާރު ގެއްލި
މުދައްރިސަށް ދޭންޖެހޭ އިހުތިރާމާއި ލޯބި ނެތިދާކަމެވެ.އިލްމީ ދިރާސާ ކުރައްވާ
ބޭފުޅެއް ކަމަށްވާ މައިކް ބޭކަރ ޤަބޫލު ކުރައްވާ ގޮތުގައި އެންމެ މަތީ
ފާހެއް ނުވަތަ ސަނަދެއް ހާސިލު ކޮށްފައިވާ މީހަކީ އެންމެ ރަނގަޅު
މުދައްރިސެއްނޫނެވެ.އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ރަނގަޅު މުދައްރިސެއްނަމަ،
ދަރިވަރުންދެކެ ލޯބިވާނެއެވެ.އަދިވެސް އޭނާ ހާމަ ކުރައްވާ ގޮތުގައި ދަރިވަރުންދެކެ
ލޯބިވާނުވާ މުދައްރިސެއްނަމަވެސް، ރަނގަޅަށް
ކްލާސް ކޮންޓްރޯލް ކުރެވިދާނެއެވެ. ނަމަވެސް އެފަދަ މުދައްރިސަކަށް އެންމެ
އެކަށީގެންވާ ގޮތުގައި ދަރިވަރުންގެ ކިޔެވުމަށް ބާރުއަޅައެއް ނުދެވޭނެއެވެ. މިއީ
އަޅުގަނޑުމެންގެ ކްލާސް ރޫމްގެ ތެރެއިން ފެންނަ ކަންތައްތަކެވެ. އަޅުގަނޑުގެ
އަމިއްލަ ތަޖުރިބާއަށް ބަލާއިރުވެސް ދަރިވަރުންނާއި ގާތް ގުޅުމެއް އޮންނަ
މުދައްރިސުންނަކީ، ކާމިޔާބު
މުދައްރިސުންނެވެ. މައިކަލް (2012) ހާމަ ކުރައްވާ ގޮތުގައި ކުދިންނާއި މުދައްރިސުންގެ ގުޅުން
ބަދަހި ވުމަކީ ކުލާސްރޫމް މެނޭޖް ކުރުމުގައި ވަރަށް މުހިންމުކަމެކެވެ.އެނގިލައްވާނޭ
ފަދައިން މުދައްރިސަކަށް ދަރިވަރުންނާއި އެކު ރަގަޅަށް މަސައްކަތް ކުރެވެނީ
ދަރިވަރުން މުދައްރިސުގެ އޮތޯރިޓީ ބަލައިގަންނަ ނަމައެވެ. އެ އޮތޯރިޓީ އެކުދީން
ބަލައިގަންނަނީ މުދައްރިސަށް ދަރިވަރުންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި
އިހުތިރާމު އެކުދީންގެ ހިތުގައި އޮތުމުންނެވެ. މުދައްރިސާއި ދަރިވަރުންނާއި ދެމެދު
އޮންނަ ގުޅުން ގޯސްވެއްޖެ ނަމަ، އެކުދީންގެ
ހިތްތަކުން މުދައްރިސުގެ އިތުބާރު ގެއްލި އޭނާގެ އޮތޯރިޓީ އަށް ގޮންޖަހަން
އެކުދީން ފަސްނުޖެހޭނެއެވެ. އެހެންކަމުން، ދަރިވަރުންގެ މައްޗަށް އޮންނަ މުދައްރިސުގެ އޮތޯރިޓީ
ދެމެހެއްޓުމަށްޓަކައި މުދައްރިސާއި ދަރިވަރުންނާއި ދެމެދު އޮންނަ ގުޅުން
އަބަދުވެސް ހެޔޮ ގޮތުގައި ދަމަހައްޓަން ޖެހެއެވެ. އެހެން ނުވެއްޖެ ނަމަ، މުދައްރިސަށް މުއައްޘަރު ގޮތަށް ދަރިވަރުންނަށް ކިޔަވައި
ނުދެވޭނެއެވެ. އަދި އެކުދީންނަށް ހެޔޮ ތަރްބިއްޔަތެއް ވެސް ނުދެވޭނެމެއެވެ.
ކުލާހެއްގައި ހޭދަވާ ގިނަވަގުތުތަކަކީ ފިލާވަޅު އިތުރަށް އޮޅުންފިލުވައި
ދިނުމުގައި ނުވަތަ އެއްޗެއް ދައްކައިގެން ފިލާވަޅު އޮޅުން ފިލުވައި ދިނުމަށް
ހޭދަކުރާ ވަގުތެވެ.މިގޮތުން ބައެއްފަހަރު ދެވޭ މަޢުލޫމާތަކީ ފިލާވަޅާއި ގުޅޭގޮތުން
ދެވޭ އިތުރު މަޢުލޫމާތެވެ. ދަރިވަރުންނަށް ސާފުކޮށް އޮޅުންފިލާނޭހެން ފިލާވަޅު
ބުނެދިނުމަކީ، މުދައްރިސެއްގެ އެންމެ އަސާސީ
މަސައްކަތެވެ. އެހެނީ ދަރިވަރުން މުދައްރިސަކަށް ބޭނުންވާ މައިގަނޑު ސަބަބަކީ، އެކުދީންނަށް ފިލާވަޅުގައި ހުންނަ ތަކެތި މުދައްރިސަކާއި
ނުލައި އަމިއްލަ އަށް ފޮތް ކިޔައިގެން ރަނގަޅަށް އޮޅުން ނުފިލައެވެ. އަދި ފިލާވަޅު
ފުރިހަމަ އަށް ދޭހަވެސް ނުވެއެވެ. އުގެނުމުގައި މުދައްރިސަކު ބޭނުންވަނީ، މި އުނިކަން ފޫބެއްދުމަށެވެ. އެހެންކަމުން މުދައްރިސަކު
މުދައްރިސަކަށް ވާނީ، މިއުނިކަން
އެމީހަކަށް ރަގަޅަށް ފޫބައްދައި ދެވޭ ނަމައެވެ. މިއުނިކަން ފޫބައްދައި ދެވޭނީ، މުދައްރިސަށް ދަރިވަރުންނަށް އޮޅުން ފިލާނޭ ގޮތަށް
ފިލާވަޅު ބުނެދެވޭ ވަރަކުންނެވެ. އެ ގޮތަށް ސާފުކޮށް ބުނެ ނުދެވޭ މީހަކަށް ހަޤީޤީ
މުދައްރިސަކަށް ނުވެވޭނެއެވެ.ޔުނިވަރސިޓީ އޮފް ވިސްކޮންސިން (2002)ގެ ދަ ޖާނަލް އޮފް އިފެކްޓިވް ޓީޗިންގ ގައި ވާގޮތުން ކިޔަވައި ދިނުމުގައި އެންމެ މުހިންމު ކަމަކީ، ސާފްކޮށް އޮޅުން ފިލާނޭހެން ދަރިވަރުންނަށް ފިލާވަޅުތައް
ބުނެދިނުމެވެ.އަދިވެސް މިޖާނަލްގައި ވާގޮތުން ޤާބިލް ޓިޗަރުން ދަރިވަރުންނަށް
މައުލޫމާތު ސާފުވާނޭހެން ބުނެދީ، އެއްވެސް
ތަންކޮޅެއް ދޫނުކޮށް ސާފު އިބާރާތުން ބުނެދެއްވާނެއެވެ.
ދަރިވަރުންނަށް ސާފުކޮށް އޮޅުން ފިލާގޮތަށް
މުދައްރިސަކަށް ދަރިވަރުންނަށް ފިލާވަޅު ބުނެދެވެނީ މުދައްރިސަށް އެބުނެދޭން އުޅޭ
އެއްޗެއް ރަގަޅަށް އޮޅުންފިލާފައި ހުރެގެންނެވެ. އެފިލާވަޅެއްގެ ކޮންސެޕްޓް
ރަގަޅަށް ހިތުގައި ކުރެހިފައި ހުރެގެންނެވެ. އޭގެ އިތުރަށް ވާހަކަ ދެއްކުމުގެ
ހުނަރާއި އެބުނެދޭ އެއްޗެއް އެއްވާހަކަ އަނެއް ވާހަކައާއި މަންޠިޤީ ގޮތުން
ގުޅެމުންދާ ގޮތަށް އަތުރައި ދިނުމުގެ ހުނަރު އެކަމަށް ބޭނުންވެއެވެ. ދަރިވަރުންގެ ކޮންމެ ދުވަހެއްގެ
ދިރިއުޅުމުން ފެންނަ ކަންތަކުގެ މިސާލު ދައްކައިދީ، އެޔާއި ގުޅުވައިގެން ފިލާވަޅު ގެންދިއުމުގެ ހުނަރުވެރި
ކަމަކީ ވެސް ސާފުކޮށް އޮޅުންފިލާނޭ ގޮތަށް ފިލާވަޅު ބުނެދިނުމަށް ބޭނުން މުހިންމު
ހުނަރެކެވެ. ވާހަކަ ދައްކާ އަޑަށް ގެނެވޭ ބަދަލުތަކާއި ރާގާއި ޖަޒުބާތާއި
އަތްފައިގެ އިޝާރާތާއި މޫނުމަތީގެ ޝުޢޫރުތަކީ ވެސް ފިލާވަޅު ދަރިވަރުންނަށް
ސާފުކޮށް ބުނެދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންތަކެކެވެ.
No comments:
Post a Comment